ދުނިޔެ

އިންޑިއާގެ ސްޕޭސް އޭޖެންސީ އިސްރޯއިން ސްޕޭސްކްރާފްޓްގެ ޕްލާޒްމާ ތްރަސްޓަރގެ 1،000 ގަޑިއިރުގެ ޓެސްޓް ކާމިޔާބު ކޮށްފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އިންޑިއާގެ ސްޕޭސް ރިސާރޗް އޯގަނައިޒޭޝަން (އިސްރޯ) އިން ސްޕޭސްކްރާފްޓްގެ އިލެކްޓްރިކް ޕްރޮޕަލްޝަން ސިސްޓަމްގައި ބޭނުންކުރާ ސްޓޭޝަނަރީ ޕްލާޒްމާ ތްރަސްޓަރގެ 1،000 ގަޑިއިރުގެ އެންޑިއުރަންސް ޓެސްޓެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މި ޓެސްޓަކީ ސްޕޭސްކްރާފްޓްތަކުގެ އުމުރު އިތުރުކުރުމަށް އަދި ހަރަކާތްތެރިވާ ދާއިރާ ފުޅާކުރުމަށް ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

Ads by MPL

އިސްރޯގެ ލިކުއިޑް ޕްރޮޕަލްޝަން ސިސްޓަމްސް ސެންޓަރ (އެލްޕީއެސްސީ) ގައި ހުންނަ ހައި ވެކިއުމް ފެސިލިޓީގައި މި ޓެސްޓް ކުރިއަށް ގެންދެވުނެވެ. މި ޓެސްޓްގެ ސަބަބުން އިންޑިއާގެ ސްޕޭސް ޕްރޮގްރާމްގެ ޓެކްނޮލޮޖީ ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެކަމަށް އުއްމީދު ކުރެވެއެވެ.

އިސްރޯގެ ޗެއަރމަން އެސް. ސޯމަނާތް ވިދާޅުވި ގޮތުގައި މި ކާމިޔާބީއަކީ އިންޑިއާގެ ސްޕޭސް ޓެކްނޮލޮޖީގެ ދާއިރާގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިތުރު ގިނަ މިޝަންތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޓެކްނޮލޮޖީ ތަރައްޤީކުރުމުގެ ސަބަބުން އިންޑިއާއަށް ބޭރު ޤައުމުތަކުގެ އެހީތެރިކަމަކާ ނުލައި އަމިއްލައަށް އިތުރު ސެޓެލައިޓްތައް ތައްޔާރުކޮށް، ދުރު މުސްތަޤުބަލުގައި މަރިޔަޚުގެ މިޝަންތަކަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

އިސްރޯގެ މި ކާމިޔާބީއާއެކު، އިންޑިއާގެ ސްޕޭސް ޕްރޮގްރާމް އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ކުރިއެރުންތަކެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!