ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަނު ކުރަން ޖޭއެސްސީން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަނު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

Ads by Sosun Fihaara

އެގޮތުން ހައިކޯޓުގެ ފަނޑިޔާރުން ކަމަށް އައްޔަނު ކުރަން ނިންމާފައި ވަނީ އައްޑޫ ސިޓީ މަރަދޫ ޒެފެއަރ، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ އާއި މާލެއަތޮޅު ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ.

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"ން ސްކްރީންކޮށް، އިންޓަވިއު ކުރުމަށްފަހު އެކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގެ ތަރުތީބުން، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ "ހައިލީ ރިކޮމެންޑް" ކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި އެލިސްޓުގައި "ރިކޮމެންޑް" ކޮށްފައިވާ ބޭފުޅަކީ އަލްއުސްތާޛު ޙަސަން ޝަފީޢު ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއަކީ އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ކަނބަލެކެވެ. އެކަމަނާއަކީ ޤާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) އަދި މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ފަރުހީޒާއަށް ލިބިލައްވާފައިވެއެވެ.

އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ޤާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯ(އެލް.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެބޭފުޅާއަކީ ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!