ބޭސް ނުލިބުމުގެ ކަންބޮޑުވުންތަކަށް ބޮޑު ލުޔެއް ހޯދައިދޭނަން: ހެލްތު މިނިސްޓަރު

ބޭސް ނުލިބުމުގެ ކަންބޮޑުވުންތަކަށް ބޮޑު ލުޔެއް ހޯދައިދެއްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ވިދާޅުވީ ބައެއް ބޭސްތަކުގެ ސަޕްލައި ދަށްވުމުގެ ސަބަބުން ބޭސްތައް ނުލިބުމުގެ ކަންބޮޑުވުން އުޅޭކަން އެނގިފައިވާ ކަމަށެވެ.
އެހެންވެ އެކަންކަން ހައްލުކުރަން ސަރުކާރުގެ ގިނަ މުވައްސަސާތަކަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަދި އޭގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ހުންނަ މިންވަރު ވަރަށް ގަވައިދުން ބަލަމުން ގެންދާ ކަމަށާއި އެކަން ހައްލުކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ބަލަމުންގެންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މި މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދައިދޭނަން. އެއީ މި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެ މަންޒަރު ފެންނާތީވެ" މިނިސްޓަރު ވިދާޅުވި އެވެ.
އެ މައްސަލައިގައި މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށްޓަކައި އެސްޓީއޯގެ ނިޒާމް ވަރުގަދަކުރުން ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ހަމަ އެއާއެކު ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވާނަންސް ހަރުދަނާކުރުން. އެގޮތުން އެ ދާއިރާގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުންގެ އަދަދު އިތުރުކުރުމާއި މުވައްޒަފުން ޒިންމާދާރުކުރުމުގައި އެކުލަވާލަން ޖެހޭ އެސްއޯޕީތައް އެކުލަވާލައިގެން މިހާރަށް ވުރެ ރަނގަޅަށް ބަލަހައްޓަމުން ގެންދިޔުން" މިނިސްޓަރު ވިދާޅުވި އެވެ.
