މުޝްފިގުގެ ކަށު ނަމާދު ކުރެވޭނީ ގާޒީއަކު ނިންމައިގެން: ޝަހީމް

ގެއްލުނު މީހަކު މަރުވީ ކަމަށް ބަލައި ކަށު ނަމާދު ކުރެވޭނީ ގާޒީއަކު ކަނޑައަޅައިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ ދެވަނަ ދުވަހު ތ. ހިރިލަންދޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ރޯވި "ހޮޅުދޫ ބޯޓު"ން ދަތުރުކުރި ލ. މާވަށު، އަލީ މުޝްފިގު(25އ.) ގެއްލިފައިވާ އިރު މާދަމާ އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މާވަށުގައި ވަނީ ނިންމައިފަ އެވެ.
ނަމަވެސް އެހާ އަވަހަށް މުޝްފިގުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވިދާނެ ކަމާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުން ނެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވިދާޅުވީ މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ގާޒީއަށް ކަމަށެވެ އަދި ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގައި ގާޒީގެ ހުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވާތީ ކަމަށެވެ.
އެގޮތުން ގެއްލިފައިވާ މީހަކީ ދަރިން ތިބެ މީހަކާ އިނދެގެންވެސް އުޅޭ މީހަކަށް ވުމުގެ ފުރުސަތު އޮންނައިރު މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެސް ވެދާާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެމީހުންނަކީ އޭނާގެ ވާރުތަ ވެރިންނެވެ. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މިހުރިހައިކަމެއްގެ ހުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެއެވެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީއެވެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގާޒީގެ މި ޙުހުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ސައްހަވާނެ ކަމަށެވެ. އަދި އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.