ޚަބަރު

ކޯޓު މެދުވެރިކޮށް މަރު ސާބިތުކޮށް މުޝްފިގުގެ ކަށު ނަމާދު އަންނަ ހުކުރު ދުވަހު ބާއްވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޝަހީމް: ވިދާޅުވީ މުޝްފިގުގެ މަރު ޝަރީއަތުގައި އޮންނަ ގޮތަށް ސާބިތުކުރުމަށް ފަހު އަންނަ ހުކުުރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

"ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އަލީ މުޝްފިގް މުހައްމަދު ޝަރީފުގެ މަރު ޝަރީއަތުގައި އޮންނަ ގޮތަށް ކޯޓު މެދުވެރިކޮށް ސާބިތުކުރުމަށް ފަހު އަންނަ ހަފުތާގެ ހުކުުރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހޮޅުދޫ ބޯޓުގައި ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް މި މަހުގެ ދެ ވަނަ ދުވަހުގެ ރެ އެވެ. އަލިފާން ރޯވުމާ ގުޅިގެން ބޯޓުން ދަތުރުކުރަމުން ދިޔަ އެންމެން ކަނޑަށް ފުންމާލި އެވެ. އެ މީހުންގެ ތެރޭގައި މުޝްފިގު ހިމެނުނު ނަމަވެސް އެފަހުން އޭނާ ވަނީ ގެއްލިފަ އެވެ.

އަށާރަ މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ބޯޓުން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ކުރަމުން އަންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާ ފެނިފައެއް ނުވެ އެވެ.

ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޒުވާނާ ހޯދުމުގެ މަސައްކަތުގައި ކުރިއެރުމެއް ލިބިފައި ނުވާތީ، މަރުވި ކަމަށް ބަލައި މިއަދު ހުކުރު ނަމާދަށް ފަހު މިއަދުގެ ހުކުރު ނަމާދަށް ފަހު އެ ރަށުގައި މުޝްފިގުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމި އެވެ.

އެކަމާ ގުޅިގެން ރޭ މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ މިފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ވާނީ ގާޟީއަށް ކަމަށެވެ. ކަން ހިނގައި ދިޔަ ގޮތް ބަލައި، އޭނާ މަރުވެއްޖެ ކަމަށް ގާޟީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.

ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ގެއްލިފައިވާ މީހާ އާ މެދު ހުކުމެއް ކަނޑައަޅަން ވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމުގަ އެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވި ނަމަވެސް ގާޟީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަަމުގަ އެވެ.

ކަމާ ގުޅިގެން މިއަދު ހުކުރު ނަމާދަށް ފަހު އިސްލާމިކް މިނިސްޓަރު ވަނީ އިތުރު މެސެޖެއް ކުރައްވާފަ އެވެ. މުޝްފިގުގެ ކަށުނަމާދު މިއަދު ކޮށްފައި ނުވާ ކަމަށެވެ. މުޝްފިގުގެ އާއިލާ އާ ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ހާދިސާ އާ ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތުކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

"އިންޝާﷲ މުޝްފިގުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން. މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ހެޔޮލަފާ ކުއްޖެކެވެ. އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެކެވެ. އޭނާ ގެއްލުނު ހާދިސާއަކީ އެ އާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެނަށް ލިބުނު ހިތާމައެކެވެ. މާތް ﷲ ގެ ރަހުމަތް ތަނަވަސްވެގެންވެ އެވެ." ޝަހީމް ކުރެއްވި މެސެޖުގައިވެ އެވެ.

ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ އަލީ މުޝްފިގް މުހައްމަދު ޝަރީފް --

ޝަހީމް ރޭ ވިދާޅުވެފައި ވަނީ ކަމުގައި ގާޟީގެ ހުކުމެއް އޮންނަން ޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވާތީ ކަމަށެވެ. އެގޮތުން ގެއްލިފައިވާ މީހަކީ މީހަކާ އިނދެގެން އުޅޭ ނުވަތަ ދަރިން ތިބި މީހަކަށް ވުމުގެ ފުރުސަތު އޮންނައިރު، މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއް ކަމުގައި ވެސް ވެދާާނެ ކަމަށެވެ. އެ މީހުންނަކީ އޭނާގެ ވާރުތަވެރިން ކަމަށާ އަދި އޭނާއަކީ އެ މީހުންގެ ވާރުތަވެރިއެއް ކަމަށެވެ.

މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ، މި ހުރިހާ ކަމެއްގެ ހުކުމްތަކަށް ޝަރުއީ ގޮތުން އަސަރުކޮށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. ގެއްލުނު މީހާ ވުޖޫދުގައި ނެތް މީހަކަށްވެ، އޭނާގެ އަންބަކުވާ ނަމަ، އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ގާޟީގެ ހުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ، އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ސައްހަވާނެ ކަމުގަ އެވެ. އަދި އޭނާގެ އަނބިމީހާ އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ، އަނބުރައި އޭނާގެ ގާތަށް ދިއުން ނެތް ކަމުގައި ފާހަގަކުރެއްވި އެވެ.

ގެއްލުނު މީހަކީ މީހަކާ އިނދެގެން އުޅޭ މީހަކަށް ނުވި ނަމަވެސް ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާގެ މަރާ މެދު ގޮތް ނިންމަން ވާނީ ގާޟީ ކަމުގަ އެވެ. ގާޟީ ގޮތް ނިންމަނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައި ކަމުގަ އެވެ.

ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ގާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށުނަމާދު ކުރެވިދާނެ ކަމަށާ އަދި އޭނާގެ މުދާތައް ވާރިސުންގެ މެދުގައި ބެހޭނެ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

Ads by HDC