ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އެދިއްޖެ

ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ އެވެ.
އިމިގްރޭޝަނުން ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އެދިފަ އެވެ.
ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އިމިގްރޭޝަނުން އެދިފަވާއިރު ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ހާއްސަ އޮޕަރޭޝަނެއް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތް ގުޅިގެންދަނީ ހިންގަމުންނެވެ.
އަދި ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފަ އެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
