ހޫނު ފެން އެޅިގެން ފިހުނު އަށް މަހުގެ ކުއްޖަކަށް ފަރުވާ ދެނީ

ހދ. މަކުނުދޫގައި ހޫނު ފެން އެޅިގެން ފިހުނު ތުއްތު ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
އާއިލާ އާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުއްޖާ ގަޔަށް ހޫނުފެން އެޅިފައި ވަނީ ކުއްޖާގެ މަންމަ ބަދިގޭގައި މަސައްކަތެއް ކުރުމަށް ކުއްޖާ ކޮށީގައި ބައިންދާފައި އިންދާ ދުއްވާފައި ގޮސް ސައިކުރައެއް ބަހައްޓާފައި ހުރި ފޮތިގަނޑަކަށް ދަމާލި ގަޑީގައި ސައިކުރާ ބަންޑުންވުމުގެ ސަބަބުން ކަމަށެވެ.
އެ ހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ވަގުތެއްގައި ކަމަށާއި ދިހަ ވަރަކަށް މިނެޓުގެ ތެރޭގައި ރަށު ސިއްހީ މަރުކަޒަށް ކުއްޖާ ގެންދިޔަ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
އެހެންނަމަވެސް އެ ވަގުތު ޑޮކްޓަރު ޑިއުޓީގައި ނެތުމުން ފިހިފައި ހުރި ތަންތަނުގައި މަލަން އެޅުމަށް ފަހު ކުއްޖާ ގެއަށް ފޮނުވާލީ ކަމަށާއި ހެނދުނު ޑޮކްޓަރަށް ދެއްކުމުން 24 ގަޑިއިރު ފަހުން އައުމަށް އެދި އިތުރު ފަރުވާއެއް ނުދީ ފޮނުވާލި ކަމަށެވެ.
ފަހުން ޑޮކްޓަރަށް ދެއްކިއިރު ފިހުނު ތަންތަނުން ފޮޅުނަގައި ބޮޑުވަރުވެފައިވާތީ އިތުރު ފަރުވާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޮނުވައިދޭން އެދުނު ކަމަށް އާއިލާއިން ބުނެފައިވެ އެވެ. ނަމަވެސް ހޮސްޕިޓަލުން އެންގީ އާރުޓީއެލް ފެރީގައި ދިއުމަށް ކަމަށާއި ފެރީން ޖާގަ ލިބޭ ގޮތް ނުވުމުން ސީއެމްބިއުލާންސް ފޮނުވައި ދިނުމަށް އެދުނު ކަމަށެވެ. އެގޮތަށް ވެސް ހޮސްޕިޓަލުން އެއްބަސްވެފައި ނުވާ ކަމަށެވެ.
އާސަންދައިގެ ދަށުން ދަތުރު ހަމަޖެހޭ ގޮތް ނުވުމުންނާއި ކުއްޖާގެ ހާލަތު އިތުރަށް ގޯސްވާތީ އާއިލާއިން ވަނީ އަމިއްލަ ހަރަދުގައި އިއްޔެ މާލެ އައިސްފަ އެވެ. އައިޖީއެމްއެޗަށް ދެއްކުމުން ކުއްޖާގެ ހަށިގަނޑުގެ 5 އާއި 6 އިންސައްތަ އާ ދެމެދު ފިހިފައިވާކަން އެނގިފައިވާ ކަމަށް އާއިލާ އާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ އަށް މަހުގެ ފިރިހެން ކުއްޖާ ވޯޑުގައި އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށެވެ.
