ޚަބަރު

ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހަކަށް ވީތީ ތަފާތު ނުކުރާނަން: ރައީސް

. ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއްވީމަ ތަފާތުނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

"އެކްސް" ގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ)  ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި ނުވެސް ކުރައްވާނެ ކަމަށެވެ.

އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހްމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޮންނާނެ

ރައީސް އެހެން ވިދާޅުވެފައިމިވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ހިމެނޭ ބައެއް މީހުންނަށް ކުރެވޭ ތުހުމަތުތައް ފޮރުވަން ފުލުހުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.

އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ކުރިއަށްދާ ޕްރެސް ކޮންފަރެސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޒުވާނާ ވެއްޓުނު އިމާރާތުގައި އޭނާ އާއެކު އުޅުނު ރައުދު އަހްމަދު ޒިލާލުގެ އިތުރުން މައްސަލަ އާ ގުޅުންހުރި ހަތް މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.

ޕްރެސްގައި ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެއީ:

  • ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21އ)
  • ގ. ނޯތު ބްރީޒް، އައިޝަތު ލަޔާލީ އިގްބާލް (22އ)
  • މއ. މާންދޫގޭދެކުނުގެ، އިޒުދިޔާން މުހައްމަދު މައުމޫން (28އ)
  • މއ. މާންދޫގޭދެކުނުގެ، ޔޫސުފް އަހްމަދު އަކްރަމް (22އ)
  • ހ. މީނާޒް، ޔޫސުފް ޣައްސާން އަބްދުލްޣަފޫރު (28އ)
  • މ. ތިލަފަޅު، އާމިނަތު ޖުނައިނާ ޖަމްޝީދު (24އ)
  • ނ. ވެލިދޫ، އަލި، ހުސައިން ހަމީސް އަލީ (28އ)
  • ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، އޭޕްރީލް، އިޖާޒް ޖާއިޒް (24އ)

އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ނަވީން ވިދާޅުވި އެވެ.

Ads by Ooredoo