ރައީސް މުއިއްޒުއަށް އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފި އެވެ.
އައިއައިޔޫއެމް ގެ ފަރާތުން ރައީސް މުއިއްޒުއަށް އޮނޮރަރީ ޑޮކްޓޮރޭޓް ޑިގްރީ އެރުވީ "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން އެވެ.
ރައީސްއަށް އޮނަރަރީ ޑޮކްޓަރު އެރުވީ އައިއައިޔޫއެމްގެ ހެޑް ޓެންގޫ އަމްޕުއާން ޕަހަންގް ޓުންކޫ އަޒީޒާ އައިމިނާ މައިމޫނާ އިސްކަންދަރިޔާ ބިންތި އަލް މަރުހޫމް ސުލްތާން އިސްކަންދަރު އަލް- ހާޖް އެވެ.
މިއީ ދިވެއްސަކަށް އެ ޔުނިވާސިޓީން އޮނޮރަރީ ޑޮކްޓޮރޭޓްއެއް އެރުވި ފުރަތަމަ ފަހަރެވެ.
އެ ޑޮކްޓޮރޭޓް އެރުވުމަށް ފަހު ރައީސް މުއިއްޒު އެ ޔުނިވާސިޓީގައި ކުރެއްވި ތަގުރީރުގައި ވިދާޅުވީ އައިއައިޔޫއެމްއިން އެމަނިކުފާނަށް އެރުވި ޝަރަފު ރަމްޒުކޮށްދެނީ، އިސްލާމީ އުންމަތުގެ ކުރިއެރުމަށްޓަކައި ޖަމައީ ގޮތެއްގައި ހިއްސާކުރާ ޢަޒުމު ކަމަށެވެ.
އަދި އައިއައިޔޫއެމްގެ އިސްވެރިންނާއި ފެކަލްޓީ އާއި ދަރިވަރުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު ވެސް އަދާކުރެއްވި އެވެ.
ރައީސް އައިއައިޔޫއެމްގައި ދެއްވި ތަގުރީރުގައި އަލިއަޅުވާލެއްވީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑާން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން"ގެ މައުލޫގެ މައްޗަށެވެ.
އެ މައުލޫއަށް ދެއްވި ތަގުރީރުގައި އެމަނިކުފާނު ވަނީ، އިސްލާމީ އުންމަތުގެ ފަހުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވާފަ އެވެ.
