ޚަބަރު

މުނައްވަރު، އީނާސް، އަހްމަދަަށް ދެނީ 15,000 ރުފިޔާގެ އެލަވަންސެއް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ހަގީގަތާ ހަމައަށް ވާސިލުވުމަށް ރައީސް މުހައްމަދު މުއިއްޒު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނަށް އައްޔަންކުރި ތިން މެންބަރަކަށް ދެނީ 15,000 ރުފިޔާގެ އެލަވަންސެއް ކަމަށް މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ހެނދުނު 10 ޖެހިއްސުރެން ފެށިގެން އަދިވެސް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން ކޮމިޝަންގައި މަސައްކަތްކުރާ ޑރ. މޫސާ މުރާދާއި، ޖަބީން މުހައްމަދުގެ ވަޒީފާއިން ވީއްލާފައިވާ ކަމަށެވެ.

މުރާދު މަސައްކަތް ކުރަނީ އައިޖީއެމްއެޗްގަ އެވެ. ޖަބީނަކީ ހުޅުމާލެ ހޮސްޕިޓަލްގެ ސީނިއާ ނަރުހެކެވެ. ވަޒީފާއިން ވީއްލި ނަމަވެސް ކުރިން ދެމުންދާ މުސާރަ ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދެން ކޮމިޝަނުގައި ތިއްބެވީ ސަރުކާރުގެ ވަޒީފާ ނެތް ބޭފުޅުންނެވެ. ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު އާއި އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް އާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ބޭފުޅުންނަށް ދެއްވަނީ 15,000 ރުފިޔާގެ އެލަވަންސެކެވެ.

ނަމަވެސް އެއީ ޖުމުލަ އުޖޫރަ ކަމެއް އަދި ކޮންމެ މަހަކު ދެއްވާ މުސާރަ ކަމެއް ސާފެއް ނޫނެވެ.

ރައީސް ވިދާޅުވީ ކޮމިޝަނަށް ވަކި ހާއްސަ ބަޖެޓެއް ނެތް ކަމަށެވެ. ނަމަވެސް ކޮމިޝަނުން އެދޭ ކޮންމެ ކަމެއް ވެސް ހަމަޖައްސާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Ads by Ooredoo