ޔޫއެންޑީޕީއާ ގުޅިގެން ޕީޖީގެ މުވައްޒަފުންނަށް ނަފްސާނީ އެހީ ފޯރުކޮށްދެނީ

ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް(ޔޫއެންޑީޕީ)އާ ގުޅިގެން ޕްރޮސިކިއުޓާ ޖެެނެރަލް އޮފީސް(ޕީޖީ)ގެ މުވައްޒަފުންނަށް ނަފްސާާނީ އެހީ ފޯރުކޮށްދޭން ނިންމައިފި އެވެ.
މިއަދު ޕީޖީ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެމްއޯޔޫއެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެމްއޯޔޫގައި ޕީޖީގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔަޑް އައްބާސް ޝަރީފް ސޮއިކުރެއްވި އިރު ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާ އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަކީ މި އޮފީހުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެކެވެ.
އަދި މިއަދު ސޮއިކުރި އެމްއޯޔޫއާއެކު ޕީޖީ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާއެކު، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ވެސް ޕީޖީއ އޮފީހުން ބުންޏެވެ.
"މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޤާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް (ޑަބްލިއު.ވީ.އެސް.ޔޫ) ގެ ވަރަށް ރަނގަޅު އިސްނެންގެވުމެއް. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނެތް." ޕީޖީ އައްބާސް ވިދާޅުވި އެވެ.
