ޚަބަރު

ޑެންގީ ފެތުރޭ އަދަދު އިތުރު ވަނީ، ސަމާލުވޭ!

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އީޑިސް މަދިރިއެއް: މި ބާވަތުގެ މަދިރިން ޑެންގީ ހުން ފަތުރާ / ފޮޓޯ:ގޫގުލް

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާ އަޅާބަލާއިރު، މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by STELCO

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެޕްރީލު މަހު ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ވަނީ އިތުރުވެފަ އެވެ.

ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދުތައް:

  • ޖެނުއަރީ - 75
  • ފެބްރުއަރީ - 80
  • މާޗް - 73
  • އޭޕްރީލް - 124

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަދި އއ. އަތޮޅުންނެވެ. މާލެ ސަރަހައްދުން 134 ކޭހެއް ރިޕޯޓުކޮށްފައިވާއިރު، ރ. އަތޮޅުން 57 ކޭސް އަދި އއ. އަތޮޅުން 40 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުން އައުމާއި ބޮލުގަ އާއި ލޮލުގައި ރިއްސުމާ އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ. ބަލީގެ އަލާމާތްތައް ފެންނަނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10 ދުވަހާ ދެމެެދުގެ މުއްދަތެއްގަ އެވެ.

ބަލި ޖެހުމުން ގިނަގިނައިން ދިޔާ ތަކެތި ބުއިމަށާއި އަރާމު ކުރުމަށާ އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ސިއްހީ އެހީތެރިއެއްގެ އިރުޝާދު ހޯދުމަށް ޑޮކްޓަރުން ލަފާދެ އެވެ.

ޑެންގީ ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

މަދިރި ހެފުމުން ރައްކާތެރިވުން:

  • މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުން.
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ފޭރާންލުން.
  • ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން.
  • މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.

އެޗްޕީއޭއިން ބުނީ އީޑިސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައި ނަމަވެސް ބޮޑަށް ރަނގަޅީ ހުރިހާ ވަގުތެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވުމަށް މަސައްކަތްކުރުން ކަމަށެވެ.

އޭގެ އިތުރުން މަދިރި އާލަވާ ތަންތަނާއި ތަކެތި ނައްތާލުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ އެޖެންސީން ފާހަގަކުރި އެވެ. އެގޮތުން ގެ އާއި ގޯތި ތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުމާ އަދި ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން ނުވަތަ ބަންދުކުރަން ޖެހެ އެވެ.

އާންމު ތަންތަނާއި މަގުމަތި އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ފެން ހަރުނުލާނޭހެން ބަންޑުން ޖަހަން ނުވަތަ މަތިއެޅުން މުހިންމެވެ. މަދިރި ފަނި ނައްތާލުމަށް ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުމާ އަދި ދައުރު ނުވާ ގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އީޑިސް މަދިރި ބިސް އަޅައި އާލާވާ ކަމުގަ އެވެ. އީޑިސް މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރި ނަމަވެސް، އެ ތަކެތީގައި މަދިރި ބިސް ހަރުލާފައި ހުންނަ ކަމަށާ އަދި ހަލާކުނުވެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ހުންނާތީ އެފަދަ ތަކެތި ރަނގަޅަށް ސާފުކުރުން މުހިންމު ކަމުގަ އެވެ.

ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެެއް ކަމުގައި އެޗްޕީއޭއިން ފާހަގަކުރި އެވެ.