ޚަބަރު

ކޮވިޑް-19:އަލްޙަމްދުﷲ, ހޯނޑެއްދޫއިން މިހާރު 32 މީހުން ބަލިން ފަސޭހަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގދ. ހޯނޑެއްދޫން މިހާރު ޖުމްލަ 32 މީހުން ކޮވިޑް ބަލިން ފަސޭހަ ވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދަައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ހޯނޑެއްދޫއިން ކޮވިޑަށް ފައްސިވީ 45 މީހުންގެ ތެރެއިން މިހާރު 32 މީހުން މިބަލިން ފަސޭހަ ވެފައިވާ ކަމަށެވެ. އަދި އެރަށުގައި މިވަގުތު އެކްޓިވް ހުރީ 13 ކޭސް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫ އިން ކޮވިޑަށް ފައްސިވީ ދެމީހަކަށް މިވަގުތު ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީ ގައި ފަރުވާ ދެމުންދާ ކަމަަށެވެ.

"އިއްޔެގައި އެކަކު ވަނީ ފައްސި ވެފައި. މިއީ ކުރިން ފާހަގަ ކުރެވުނު ފައްސިވީ މީހެއްގެ ކޮންޓެކްޓުން 14 ދުވަހު ކަރަންޓީނު ކުރުމަށްފަހު ނެގި ރިލީސް ސާމްޕަލުން ފައްސިވީ އެކަކު" ޑރ. ނަޒްލާ ވިދާޅުވެފައި ވެއެވެ.

ހޯނޑެއްދޫއިން 230 ކޮންޓެކްޓުން ދެނެގަނެވި ކަރަންޓީނު ކުރެވިފައިވާ ކަމަށާއި އިއްޔެ ފައްސިވީ މީހާ ފައްސި ވެފައިވަނީ 22 ވަނަ ދުވަހު ނެގި 11 ސާމްޕަލެއްގެ ތެރެއިން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ވެސް ހޯނޑެއްދޫ އެކަންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!