ދުންޔަވީ ކަންކަން ތަޖުރިބާއިން ރޭވިދާނެ، އުހްރަވީ ގޮތުން ތައްޔާރުވެވޭނީ މާތް ﷲ ހަނދުމަކޮށްގެން: ހުތުބާ

ދުންޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިއަށް ދެވުނު ނަމަވެސް އުހްރަވީ ކަންކަން ރާވަން އެނގޭނީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސައްހަ ހަދީސްތަކުގެ އަލީގައިވާ ގޮތަށް މާތް ﷲ ހަނދުމަކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ތަގުވާވެރީންނަކީ މާތް الله ހަނދުމަކުރާ މީހުން" މައުލޫއަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މާތް ﷲ ގެ ހަޒުރަތަށް އެންމެހާ މީސްތަކުން ރުޖޫއަކުރެއްވޭނެ ދުވަހަށް ރައްކާތެރިވެ ބިރުވެތިވެވޭނީ ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެ ހަނދުމަކޮށްގެން ކަމަށެވެ. ސުވަރުގޭގެ މަތިވެރި ސަވާބަށް އުންމީދުކޮށް، ނަރަކައިގެ ވޭންދެނިވި އަޒާބުގެ މަތިން ހަނދާންކޮށްގެން ކަމަށެވެ. މި ކަންކަން އެކަކު އަނެކަކަށް ހަނދާންކޮށްދީ، ވައުޒާއި ނަސޭހަތް ލިބިގަނެގެން ކަމަށެވެ.
މާތް ﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި އަމަލަކީ ނަމާދު ގާއިމުކުރުން ކަމަށް ހުތުބާގައި ބުންޏެވެ. މޫސާގެފާނު ތޫރުއޭ ކިޔުނު މުގައްދަސް ވާދީގައި ހުންނަވަނިކޮށް، ﷲ އެކަލޭގެފާނަށް ބަސް ވަހީކުރައްވައި، އެކަލާނގެ ހަނދުމަކުރެއްވުމަށް ނަމާދު ގާއިމުކުރުމަށް އެންގެވި ކަމަށެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި މާތް ﷲ އަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދު ކަމުގަ އެވެ. މި އުންމަތަށް ނަމާދު ފަރުޟުކުރެއްވުނީ ކީރިތި ނަބިއްޔާ އާއިގެން މިއުރާޖުކުރެއްވުނު ރޭ، މެދުވެރިއަކު ނެތި، ސީދާ އެކަލޭގެފާނަށް ﷲ ބަސް ވަހީކުރައްވައިގެން ކަމުގަ އެވެ.
"އަޅާގެ އަމަލުތަކުގެ ތެރެއިން ގިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގަ އެވެ. ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ."
މާތް ﷲ ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ގުރުއާނަށާއި ކީރިތި ރަސޫލާގެ ސުންނަތަށް ފުރަގަސްދީފި މީހަކީ ދުނިޔެ އާއި އާހިރަތުގައި ގެއްލެނިވެގެންވާ މީހެއް ކަމުގަ އެވެ.
މިއަދުގެ ހުތުބާގައި ބުނީ ﷲ ހަނދުމަކުރުމާއި ނަމާދު ގާއިމުކުރުމާއި ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ ހަވާނަފުސުގެ އެދުންތަކާއި މުންކަރާތްތަކާއި ފާހިޝް އަމަލުތައް ކަމަށެވެ. ޒިނޭ ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޖުވާކުޅުން ފަދަ ފާހިޝް އަމަލުތައް ކަމަށެވެ. މި އަމަލުތަކަކީ ޝައިތާނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޒީނަތްތެރިކޮށް، އޭނާ އާ ކުރިމަތިކުރުވާ ކަންތައްތައް ކަމަށެވެ.
ބިރުވެރިކަން ބޮޑުވެގެންވާ ގިޔާމަތް ދުވަސް އޮތީ ދާދި ކައިރީގައި ކަމަށެވެ. އެއީ މާތް ﷲ ގެ ހަޒުރަތަށް މީސްތަކުން ހާޒިރުކުރެއްވޭނޭ ދުވަސް ކަމަށާ އަދި ހިސާބު ބައްލަވާ ދުވަސް ކަމަށެވެ. ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރީން ނަރަކައަށް ވަންނަ ދުވަސް ކަމަށެވެ.
ހުތުބާގައި ބުނި ގޮތުގައި ދުންޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިއަށް ދެވިދާނެ ކަމުގަ އެވެ. ނަމަވެސް އުހްރަވީ ކަންކަން ރާވަން އެނގޭނީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސައްހަ ހަދީސްތަކުގެ އަލީގައި ކަމުގަ އެވެ. ގިޔާމަތް ދުވަހާ މެދު ކަންކަން ރާވައި، އެ ދުވަހަށް ތައްޔާރުވާން ޖެހޭނީ މި ދެ އަސްލުގެ އަލީގައި ކަމުގަ އެވެ. މާތް ﷲ ހަނދުމަކޮށްގެން ކަމުގަ އެވެ.
"މާތް ﷲ ހަނދުމަކުރުމުގެ މާނައަކީ ތިބާ އާހިރަތް ދުވަހުގެ ހަޔާތާ މެދު ފަރުވާތެރިވެ، ހެޔޮ އަމަލުކުރުންމަތީ އުމުރު ހޭދަކުރުމެވެ. މަރު ހަނދާން ކުރުމެވެ. ބިންހެލުމެއް އަތުވެދާނެތީ ނުވަތަ ސުނާމީއެއް އަރައިފާނެތީ ނުވަތަ ފުރާޅުތައް އުކައިލައި، ގަސްތައް މުލުން ލުހެލައި، ގެދޮރު ސުންނާފަތިކޮށްލައިފަނިވި ގަދަ ކޮޅިގަނޑުތައް ދެކެ ތިބާ ބިރުގަންނައިރު، އެއްވެސް ޝައްކެއްނެތި، ކަށަވަރުވަނިވި ދުވަހާ މެދު، ބިރުވެތިވާން ހަނދާން ނެތޭ ކަމީ އަޖައިބެކެވެ. އެ ދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެކެވެ."
ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ބުއްދިވެރިއަކީ ތިމާގެ ނަފުސު ހިސާބުކޮށް، މަރުވުމަށް ފަހު މެދުވެރިވާނޭ ކަންތަކަށް ޓަކައި ހެޔޮ އަމަލުކުރާ މީހާ އެވެ. އަދި ނުކުޅެދުންތެރިޔަކީ އޭނާގެ ހަވާނަފުސާ އެއްގޮތަށް އަމަލުކޮށްފައި، ﷲ ގެ ހަޒުރަތުން ހެޔޮ ގޮތްގޮތަށް އުންމީދުކުރާ މީހާ އެވެ."
ތަގުވާވެރިންނަށް ތައްޔާރުކުރެވިފައިވާ ނިއުމަތްތަކުގެ ވާހަކަތައް ބަޔާންކުރައްވާފައިވާ ދަލީލުތަކަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މާތް ﷲ އަށް ތަގުވާވެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. ދިންނަވައި ނަސީބު ލިބެނިވި މީހުންގެ ތެރޭގައި ވުމަށް، ﷲ ހަނދުމަކޮށް، އެކަލާނގެއަށް ތަގުވާވެރިވާން ޖެހޭ ކަމަށެވެ. ގިޔާމަތް ދުވަހުން ތަގުވާވެރީންނަށް ދެއްވާނެ ކަމަށް ﷲ ވައުދުވެވޮޑިގެންފައިވާ ސަވާބާއި ނިއުމަތުން ފުރިގެންވާ ގޮވަތި ލިބުމަށް ޓަކައި ކަމަށެވެ. އެ ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި އަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރިން އެފަދަ އަމަލުތައް ކުރުން މަތީ ގާއިމުވެތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
