ހަމަލާތައް ހުއްޓާލުމުން އިންޑިއާ އާއި ޕާކިސްތާނަށް ރާއްޖެއިން މަރުހަބާ ކިޔައިފި

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ނިންމުމާ ގުޅިގެން ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.
ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ފެށުނީ ކަޝްމީރުގެ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ޕަހަލްގަމްގައި ދިން ބަޑީގެ ހަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރާލި ހާދިސާ އާ ގުޅިގެންނެވެ. މިދިޔަ މަހުގެ ފަހުކޮޅު ދިން އެ ހަމަލާތަކުގެ ޒިންމާ ޕާކިސްތާނުން ނަގަން ޖެހޭ ކަމަށް ބުނެ އެ ގައުމަށާއި ކަޝްމީރަށް އިންޑިއާއިން ހަމަލަދޭން ފެށި އެވެ.
އެ ހަމަލާތަކަކީ ޓެރަރިސްޓުންނަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ. ނަމަވެސް ޕާކިސްތާނުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި މަރުވެފައި ވަނީ ކުށެއް ނެތް އާންމުން ކަމުގަ އެވެ.
މަޝްރަހު ހޫނުވެ، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވަޔާއި ކަނޑާ އަދި އެއްގަމުމަގުން ބަދަލުކުރަމުންދިޔަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެއްބަސްވެ އެ ދެ ގައުމުން އެކަން އިއުލާނުކުރީ އިއްޔެ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވަނީ ދެ ގައުމުގެ ނިންމުމަށް މަރުހަބާ ދަންނަވާފަ އެވެ. އިންޑިއާ އާއި ޕާކިސްތާނުން މަޝްވަރާ އާއި ސުލްހައިގެ މަގު އިހުތިޔާރުކޮށް، ސަރަހައްދީ ހަމަޖެހުމަށް އެ ފިޔަވަޅު އެޅުމުން ދެ ގައުމުގެ ލީޑަޝިޕަށް ހަލީލް ވަނީ ތައުރީފުކުރައްވާފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހަމަލާތަކުގައި ދެ ގައުމުން 60 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
