ހިދުމަތް ފުރިހަމަކުރަން ހުޅުމާލެ ފޭސް ދޭއްގެ ގިނަ ޓަވަރުތަކަކުން ކަރަންޓު ކަނޑާލަނީ

ހިދުމަތް ފުރިހަމަކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގެ ބޮޑު ސަރަހައްދަކުން ހެނދުނު 10 އިން ފެށިގެން އެކި ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް ކަނޑާލަން ޖެހިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ ހެނދުނު 10 އާއި 11 އާ ދޭތެރޭގައި ހިޔާ ޓަވަރު 1 އިން 8 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. ހަމަ އެވަގުތު ކާމިލް ދީދީ ސްކޫލުން ވެސް ކަރަންޓު ކެނޑޭނެކަން ފާހަގަކުރި އެވެ.
އެ ތަންތަނުގެ އިތުރުން، ވިނަރެސް ފްލެޓު 1 އިން 10 އާ ދެމެދުގެ ޓަވަރުތަކުން ވެސް މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މެންދުރު 1 އާއި 2 ދޭތެރޭގައި އެ ޓަވަރުތަކާ އެކު، އެމްޕީއެލްގެ ޓަވަރުތަކުންނާއި ސަލާހުއްދީން ސްކޫލުން ވެސް ކަަރަންޓު ކެނޑޭނެ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު މެދުކެނޑޭނެ ކަމަށް ގަޑިތަކެއް ކަނޑައަޅާފައި ވިނަމަވެސް، މަސައްކަތް ނިމޭހާ އަވަހަކަށް އެ ހިދުމަތް އަލުން ފޯރުކޮށްދޭން ފަށާނެ ކަމުގަ އެވެ.
އެ ކުންފުނިން ދަނީ ތާވަލެއްގެ ދަށުން ހިޔާ ޓަވަރުތަކުން ކަރަންޓު ކަނޑަމުންނެވެ. އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން ކުރަމުންދާ މަސައްކަތް ފަށާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ޓަވަރު އެކަކުންނެވެ.
ސްޓެލްކޯއިން ވަނީ މަސައްކަތް ކުރިއަށްދާ ވަގުތު ކޮންމެ އެޕާޓްމަންޓަކުން ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ފާހަގަކޮށް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މި ދުވަސްވަރު ފޭސް ދޭކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހެނީ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގާގައި ކުރަން ޖެހޭ އެމަޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ހުރުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ މަސައްކަތަކީ ހިދުމަތް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކުރި އެވެ.
