ފޮރިން މިނިސްޓަރު ހަލީލް ކުވެއިތަށް ފުރާވަޑައިގެންފި

ކުވެއިތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރު ޚަލީލުގެ މި ދަތުރުފުޅުގައި ކުވެއިތުގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާނެ އެވެ. ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ދެން ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ ކުވޭތުގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރާއި، އިންވެސްޓްމަންޓް އެންޑް ފިނޭންސް މިނިސްޓަރާ އެވެ.
އެއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކުވެއިތަކީ ރާއްޖެއަށް ތަރައްގީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ގައުމެއް ކަން ފޮރިން މިނިސްޓްރީން ފާހަގަކޮށްފި އެވެ.
މި ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ. އަދި މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަމަކީ ވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ.
މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގެންފި އެވެ.
