ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ހެދި ކޮމިޝަނުގެ ހިންގާ ގަވާއިދު އާންމުކޮށްފި

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ހިންގާ ގަވާއިދު އާންމުކޮށްފި އެވެ.
ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޮމިޝަން އުފެއްދެވީ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެންނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ކޮމިޝަން އުފެއްދެވި ނަމަވެސް ފަހުން ވަނީ އެ އަދަދު ފަހަކަށް އިތުރުކުރައްވާފަ އެވެ.
ރިޔާސީ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައި ވަނީ ޑރ. މުހައްމަދު މުނައްވަރެވެ. މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި އާމިނަތު އީނާސްގެ އިތުރުން ޖަބީން މުހައްމަދެވެ.
ރިޔާސީ ކޮމިޝަނުގެ ހިންގާ ގަވާއިދު އިއްޔެ ގެޒެޓުކޮށްފައިވާއިރު، އެ ގަވާއިދުގައި ކޮމިޝަނުގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ސުލޫކީ މިންގަނޑުތައް ހިމަނާފައިވެ އެވެ. އަދި ކޮމިޝަނުގެ ބައްދަލުވުންތަކާއި އެ ބައްދަލުވުންތަކުގައި ގޮތް ކަނޑައަޅާނެ ކަންކަމާއި ކޯރަމާއި ކަންކަން ފާސްވާނެ ގޮތް ބަޔާންކޮށްފައިވެ އެވެ.
ގަވާއިދުގައި ތަހުގީގު ކުރުމުގެ އުސޫލުތަކާއި އިޖުރާތުތަކުގެ އިތުރުން ކޮމިޝަނަށް މުވައްޒަފުން އައްޔަންކުރުމާއި މުވައްޒަފުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ހިންގާ ގަވާއިދުގައިވާ ގޮތުން ކޮމިޝަނުގެ ބައްދަލުވުން ރަސްމީ ބަންދު ދުވަސް ފިޔަވައި ހަފުތާގެ ފަސް ދުވަހު ބާއްވަން ޖެހެ އެވެ. ބައްދަލުވުންތަކުގައި ގޮތް ކަނޑައަޅާނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ކޮމިޝަނަށް ހާޒިރުކުރާނެ ފަރާތްތައް ކަނޑައެޅުމާއި މައްސަލަ އާ ގުޅިގެން ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ކޮމިޝަނަށް ހުށަހެޅުމަށް އެދުމަށާއި މަސައްކަތް ކުރިއަށް ގެންދިއުމުގައި އާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި އެފަދަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ އިތުރުން ކޮމިޝަން ހިންގުމާ ގުޅޭ އިދާރީ ކަންކަމާ މެދުގަ އެވެ.
ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވޭނީ މަދުވެގެން ތިން މެމްބަރުން ހާޒިރުވެ ތިބެގެން ކަމަށް ގަވާއިދުގައިވެ އެވެ. ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ކޮމިޝަނުގެ އިއްތިފާގުން ނިންމަން މަސައްކަތް ކުރަން ވާނެ ކަމަށާއި އިއްތިފާގު ނުލިބޭ ހާލަތެއްގައި މައްސަލަ ނިންމާނީ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް ބަޔާންކޮށްފައިވެ އެވެ.
ބާއްވާ ބައްދަލުވުމަކަށް މެމްބަރަކު ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން ކޮމިޝަނުގެ ރައީސަށް އެކަން އަންގަން ޖެހެ އެވެ.
ކޮމިޝަނުގެ ގަވާއިދުގައިވާ ގޮތުން އެ ކޮމިޝަނަށް މުވައްޒަފުން އައްޔަންކުރާނީ ރައީސް އޮފީހުންނެވެ.
ޔުމްނު ވެއްޓުނުގެ ހާދިސާ އާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް އެ ކޮމިޝަނުން ވަނީ ޕޯޓަލްއެއް ތައްޔާރުކޮށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު އާާންމުކޮށް ހުޅުވާލާފަ އެވެ. ކޮމިޝަނުން ބުނެފައި ވަނީ ހާދިސާ އާ ގުޅޭ އެއްވެސް މައުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ނަމަ ނުވަތަ އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންވާ ނަމަ ވެސް އެކަން ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.
މައްސަލަ އާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ރައުދު އަހްމަދު ޒިލާލް އެކަންޏެވެ. އޭނާ އާ އެ ކޮމިޝަނުން ވަނީ ސުވާލުކޮށްފަ އެވެ. އެހެންނަމަވެސް ކަމާ ގުޅުންހުރި އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފަ އެވެ. ބަންދުގެ ޝަރީއަތުގެ މަޖިލިހުގައި ރައުދު ބުނެފައި ވަނީ ޔުމްނު ވެއްޓުމުގެ ކުރިން ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށެވެ. އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
