ޚަބަރު ވިޔަފާރި

ސަބްސިޑީއަށް ކުރި ހޭދަ 21.2 އިންސައްތަ ދަށަށް ހިނގައްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މި އަހަރުގެ ބަޖެޓު ފޮތް މެމްބަރަކު ބައްލަވާލައްވަނީ: ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ ވަނީ ދަށަށް ގޮސްފައި / ފޮޓޯ:މަޖިލިސް

އިގުތިސޯދު ކުރިއަރައި އާމްދަނީ އިތުރުވަމުން އަންނައިރު، މި އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށަށް ހިނގައްޖެ އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އަންނަ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން، މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށް އަދަދެކެވެ.

އޭގެ އިތުރުން ފަތުރުވެރިކަމާ އެކު ރާއްޖޭގެ މުޅި އިގުތިސޯދަށް އަންނަމުންދާ ކުރިއެރުމާ އެކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، 14.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އަދި ދައުލަތުން ކޮށްފައިވާ ހަރަދު ދަށްވެ، ބަޖެޓުގެ އޯވައޯލް ސާޕްލަސް ވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ނިޔަލަށް ބަޖެޓުގެ އޯވައޯލް ބެލެންސްގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރު ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 35.8 އިންސައްތަ ވަނީ ހިނގަމުން މިދާ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ލިބިފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 6.8 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ އާމްދަނީގެ 78 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހާއި ކޯޕަރޭޓް އިންކަމް ޓެކުހާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ އެވެ.

އާންމުންގެ ސިއްހީ އަދި އިޖުތިމާއީ ލާބައަށް ޓަކައި މިދިޔަ އަހަރު ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ އެކު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށްވި ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތަށާއި ޖުމްލަކޮށް މުޅި އިގުތިސޯދަށް އަންނަމުންދާ ކުރިއެރުމާ އެކީ އެހެނިހެން ޓެކްސްތަކުން ލިބޭ އާމްދަނީ ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު:

  • މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ 6.8 އިންސައްތައިން އިތުރުވެފައި
  • ކޯޕަރޭޓް އިންކަމް ޓެކުހުގެ އާމްދަނީ ވަނީ 4.6 އިންސައްތައިން އިތުރުވެފައި

އޭގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި މި އަހަރު ބަލައިގަނެފައިވާ އާމްދަނީ އާއެކު، ޓެކްސް-ނޫން އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއަށް ވުރެ 36.6 އިންސައްތަ އިތުރުވެފަ އެވެ.

މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި މި އަހަރު ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުގެ 25 އިންސައްތަ ވަނީ ހޭދަވެފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 އިންސައްތަ ދަށް އަދަދެކެވެ.

ނިމުނު ހަފުތާގެ ނިޔަލަށް ބަޖެޓުން ހިނގާފައިވާ ޖުމްލަ ހަރަދުގެ 91.7 އިންސައްތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، ބަޖެޓުން މުވައްޒަފުންނަށް ހިނގާ ހަރަދު އެ މުއްދަތުގެ ތެރޭގައި 7.9 އިންސައްތައިން ވަނީ އިތުރުވެފަ އެވެ. އެހެންނަމަވެސް ދައުލަތުގެ ހިންގުމުގެ ހަރަދު އެފިޝަންޓްކުރުމަށް މި އަހަރު ކުރަމުންދާ މަސައްކަތްތަކާ އެކު:

  • ޖުމްލަ ރިކަރަންޓް ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.2 އިންސައްތައިން ދަށްކޮށްފައި
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ އެކީ ސަބްސިޑީއަށް ބަޖެޓުން ކުރާ ހަރަދު ވަނީ 21.2 އިންސައްތައިން ދަށްވެފައި

އޭގެ އިތުރުން މި އަހަރު ތެރޭގައި ކެޕިޓަލް ހަރަދާ ގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑެތި އުމްރާނީ މަޝްރޫއުތަކަށް ހިނގާފައިވާ ފޮރިން ޑިސްބާސްމަންޓުތައް އިތުރުވެފައިވުމުގެ ސަބަބުން ޖުމްލަ ކެޕިޓަލް ހަރަދު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހާ އަޅާބަލާއިރު 73.2 އިންސައްތައިން ދަށްވެފަ އެވެ.