ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް (21އ) ގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެ މައްސަލައިގައި ހައްޔަރުކުރި ރައުދުގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން އިތުރުކުރި އެވެ. އެންމެފަހުން އިތުރުކުރި 20 ދުވަހުގެ ބަންދުގެ މުއްދަތު ހަމަނުވަނީސް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. އާ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ރައުދު ދޫކޮށްލިއިރު އޭނާ ބަންދުކުރަން ނެރުނު އަމުރެއްގެ މައްސަލަ އިސްތިއުނާފުކުރަން ހައި ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ މެންދުރުފަހު 1:15 އަށް ތާވަލުކޮށްފައި ވަނިކޮށް ބަންދުން ދޫކޮށްލުމާ އެކު އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ރައުދުގެ ބަންދު އަމުރުތައް ހާމަކުރުން ކްރިމިނަލް ކޯޓުން ހުއްޓާލާފައިވާއިރު، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ހ. ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނުއާއި ރައުދުއާ ދެެމެދު "ހަމަނުޖެހުމެއް" ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއި ރައުދު، މއ. މާންދޫގޭދެކުނުގެއަށް ބަޔަކާއެކު ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުންދާއިރު، އޭނާގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭތީ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ބަޔާން ނަގަން ފުލުހުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.