ޑްރަގު އޮޕަރޭޝަނެއްގައި ތިން ބިދޭސީން ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 350.92 ގުރާމެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ތިން މީހުން ކަމުގައިވާ އެމްޑީ މެހެދި ހަސަން (29އ) އާއި، އަބު ތަލެބް (47އ) އާއި، އެމްޑީ ސަލާމް މިއާ (41އ) އެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
