ޚަބަރު

އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރަކަށް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސް މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަކީ ގަމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެކަން ކުރައްވާނީ މަޝްވަރާކުރައްވައި، ޕްލޭން ކަނޑައަޅުއްވައިގެން ވަށާޖެހޭ ގޮތެއްގައި ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ކުރެއްވި ދެވަނަ ޒިޔާރަތުގައި ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ކްރިއޭޓިވް އެކޮނަމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވައުދެއްކަން ހާމަކުރައްވަމުން، 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާއަތް ފުޅާކުރެއްވުމަށް ނިންމަވައި އެކަން އިއުލާން ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމައެއާއެކު މިފަހަރުގެ މައުރަޒަށް ބައްލަވައިލެއްވުމުންވެސް، އޭގެ ކުރިން އެކަން ހާސިލްކުރެވޭނެކަމަށް ބެލެވޭކަމުގައި ރައީސް ވިދާޅުވި އެވެ.

އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލައިޒްކޮށް ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަހަރު މިބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ވަރަށް ކާމިޔާބު މައުރަޒެއްކަމުގައި ވިދާޅުވި އެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސް ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގަ އެވެ. މައުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީއާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.