ނައިބު ރައީސް، ތަޖިކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފް، ތަޖިކިސްތާނުގެ ބޮޑުވަޒީރު، ގަހީރު ރަސޫލްޒޮދާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ނައިބު ރައީސް، ތަޖިކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަސް ޕްރިޒަވޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި، ނައިބު ރައީސްއާ ބޮޑުވަޒީރު ވަނީ ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. އަދި ރާއްޖެއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަށް ވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ސީދާ ގޮތުން އޮތް ނުރައްކަލެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ދެބޭފުޅުންވެސް ފާޅުކުރެއްވި އެވެ.
ދެގައުމުގެ މެދުގައި، ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ހަރުދަނާކޮށް އެގުޅިން އިތުރަށް ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެ ބައްދަލުކުރެއްވުމުގައި ވަނީ އަލިއަޅުވާލައްވައިފަ އެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުންވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ތަޖިކިސްތާނުން ވަނީ މި ސިނާއަތުގެ ބައިނަލްއަގުވާމީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަންނަކަމުގައި ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސާއި ބޮޑުވަޒީރު ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެގައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
