ކަރަންޓު ކެނޑުން ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅާނަން: ފަގުމީ

މުޅި މާލެއާއި ހުޅުމާލޭން ހައެއްކަ ގަޑިއިރު މިއަދު ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް އެފަދަ މައްސަލައެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ ވިދާޅުވީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ މިހާރު ހައްލުކުރެވިފައިވާ ަކަމަށެވެ. މާލެ އާއި ހުޅުމާލޭން ކަރަންޓުގެ ހިދުމަތް ކެނޑުނީ ގްރިޑަށް ޖެހުނު މައްސަލައަކުންނެވެ.
”ކަރަންޓު އަލުން ދިނުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން,“ ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
”މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދެން,“ އޭނާ ވިދާޅުވި އެވެ.
މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވި އެވެ.