ޚަބަރު

ހައްޖުގައި 19 ދުވަސް ތިބެވޭނެ، މުއްދަތަށް މި އައީ ރަނގަޅު ބަދަލެއް: ޝަހީމް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މި ފަހަރު ހައްޖު ކޯޕަރޭޝަންގެ ހަރަދުގައި ހައްޖަށް ދާ ދިވެހީން ހައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލި ކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

Ads by STELCO

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި އެ މީހުން މަސް ދުވަހު ހައްޖުގެ އަޅުކަން އަދާކުރާ ގޮތަށް ފައިސާ ދެއްކި ނަމަވެސް އެ މުއްދަތު ވަނީ 15 ދުވަހަށް ކުރުކޮށްލައިފަ އެވެ. އެހެންވެ ފައިސާ ދެއްކި އަދަދުން ބޮޑު ބައެއް ރިފަންޑުގެ ގޮތުގައި ލިބެން ޖެހޭނެކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުން ނެވެ.

އެ ތުހުމަތުތަކާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ހައްޖު ކޯޕަރޭޝަން އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

"އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް، އަނެއް 3 ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ. ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ ނަމަވެސް، މި ފަހު އަހަރުތަކުގައި އާއްމުކޮށް 22 އާއި 25 ދުވަހު ދެމެދު ތިބިފައިވޭ. އެއީ ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިފަހަރު ހައްޖު ނިންމުމަށް ފަހު މަދީނާއަށް ގޮސް  ދިވެހި ހައްޖާޖީން އެނބުރި މައްކާއަށް ނުގޮސް އަންނާނީ ރާއްޖެއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިއާޔަތްކުރުމުގެ ގޮތުން." މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ގައުމީ އެފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ހައްލެއް ހޯދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

Ads by HDC