ޚަބަރު ވިޔަފާރި

އާމްދަނީ 7.6 އިންސައްތަ އިތުރުވެ، 16.5 ބިލިއަނަށް އަރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މި އަހަރުގެ ބަޖެޓު ފޮތް މެމްބަރަކު ބައްލަވާލައްވަނީ: ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ވަނީ 16.5 ބިލިއަން ރުފިޔާ ލިބިފައި / ފޮޓޯ:މަޖިލިސް

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 16.5 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.6 އިންސައްތަ އިތުރުވެއްޖެ އެވެ.

Ads by STELCO

މެއި 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 16.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.6 އިންސައްތަ އިތުރު އަދަދެކެވެ.

މިިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 13 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ 78.4 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓުތަކަށް ގެނައި ބަދަލާ ގުޅިގެން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.8 އިންސައްތަ ވަނީ އިތުރުވެފަ އެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގެ ނިޔަލާ އަޅާބަލާއިރު ލިބުނު އާމްދަނީ 49.8 އިންސައްތަ އިތުރެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.3 އިންސައްތައިން އިތުރުވެފައިވާތީ އެވެ. މި އިތުރުވުމާ އެކު، މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.2 އިންސައްތައިން އިތުރުވެފަ އެވެ. އާމްދަނީގެ އިތުރުވުމާ އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު ވެސް ވަނީ 47.1 އިންސައްތަ އިތުރުވެފަ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރު ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 41.6 އިންސައްތަ، މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ލިބިފަ އެވެ. މި އަހަރު ހިނގާނެ ކަމަށް އަންދާޒާ ކޮށްފައިވާ ޖުމްލަ ހަރަދުގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ 31.1 އިންސައްތަ އެވެ.

އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ބަޖެޓުން 15.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 16.3 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދު 2 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 65.5 އިންސައްތައިން ދަށްވެފަ އެވެ.