ޚަބަރު

18 ކިލޯގެ ޑްރަގާ ހަވާލުވާން ދިޔަ ބިދޭސީ މީހާ ދޫކޮށްލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކަސްޓަމްސްއިން އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތީގެ ޝިޕްމަންޓުގައި ހުރި ތަކެތި ފާސްކުރަނީ / ފޮޓޯ:ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ބިދޭސީ މީހާ ފުލުހުން ދޫކޮށްލައިފި އެވެ.

Ads by STELCO

އިންޑިއާގެ ބެންގަލޫރުން އައި ފްލައިޓަކުން އެތެރެކުރަން އުޅުނު އެ ތަކެތި އަތުލައިގެންފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ހުރީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގެ ތެރޭގައި ފޮރުވާފަ އެވެ.

ތިރީހަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފައިވާ ތަކެތި ވަނީ ކެނަބިނޮއިޑްސްއަށް ޕޮޒިޓިވްވެފަ އެވެ. ތަކެތީގެ ޖުމްލަ ބަރުދަނުގައި 18.62 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރަ އެވެ.

މަސްތުވާތަކެތީގެ އެ ޝިޕްމަންޓާ ހަވާލުވާން ދިޔަ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ އެ ތަކެތި އެތެރެކުރި ބަޔަކާއި ތަކެއްޗާ ހަވާލުވާން ދިޔަ މީހާ އާ ގުޅުމެއް އޮތް ކަމަށް ތަހުގީގަށް ބެލިބެލުމުން ފާހަގަކުރެވިފައި ނުވާތީ އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ.

"ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާ އާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ދޫކޮށްލާފައި،" އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެ ފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން ކަމަށެވެ.

Ads by Ooredoo