ކޮންމެ އަތޮޅެއްގައި މި އަހަރު ޑަޔަލިސިސް ސެންޓަރެއް ބަހައްޓަނީ

މިސަރުކާރުގެ ސިޔާސަތެއްގެ ގޮތުން ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމަށް ނިންމައިފައިވާ ނިންމުން މިއަހަރު ތަންފީޒު ކުރައްވާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވީ މިއަހަރުގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކިޑްނީ ފެއިލް ވެފައިވާ މީހުންނަށް ދެވޭ އެންމެ އަސާސީ އެއްފަރުވާއަކީ ޑަޔަލިސިސްގެ ހިދުމަތްކަމަށްވާއިރު، އެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ ނިޔަލަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ދުނިޔޭގެ އެހެން ގައުމުތަކޭ ވެސް އެއްފަދައިން ރާއްޖޭގައިވެސް ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އިތުރުވަމުންދާކަން ފާހަގަކުރައްވާ، މި ބައްޔާއިމެދު ސަމާލުވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
