ޚަބަރު

ރިޔާސީ ކޮމިޝަންގެ ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި

. ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓް އާއްމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

Ads by STELCO

ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފައްދަވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ކޮމިޝަން އުފެއްދެވީ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެންނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ކޮމިޝަން އުފެއްދެވި ނަމަވެސް ފަހުން ވަނީ އެ އަދަދު ފަހަކަށް އިތުރުކުރައްވާފަ އެވެ.

ރިޔާސީ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައި ވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި އާމިނަތު އީނާސްގެ އިތުރުން ޖަބީން މުހައްމަދެވެ.

ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި ކޮމިޝަނުގެ ރިޕޯޓް ރައީސަށް ހުށަހަޅައިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ މިއަދު ހާމަކޮށްފަ އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އެ ރިޕޯޓު އާއްމުކުރުމަށް އަންގަވާފަ އެވެ.

ޔުމްނު ވެއްޓުނު ވަގުތު އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލުގެ މައްޗަށް މި މަހުގެ 10 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ވަނީ ދައުވާކޮށްފަ އެވެ.

Ads by HDC