މަސްތުގެ ހާލަތުގައި ހިނގި ކަންކަމުގެ ޒިންމާ ޔުމްނު އާއި ރައުދު ވެސް ނަގަން ޖެހޭނެ: ކޮމިޝަން

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި, މަސްތުގެ ހާލަތަށް ދިއުމާ ގުޅިގެން ހިނގި ކަންކަމުގެ ޒިންމާ ޔުމްނު އާއި އޭނާ ވެއްޓުމުގެ ކުރިން އެކުގައި އެންމެފަހުން އުޅުނު ރައުދު އަހުމަދު ޒިލާލު ވެސް ނަގަން ޖެހޭނެ ކަމަށް އެ މައްސަލަ ބެލުމަށް އެކުލަވާލި ހާއްސަ ކޮމިޝަނުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.
ފުލުހުންގެ ރިޕޯޓާއި ކުޑަކަމުދާ ތަކެތީގެ ރިޕޯޓާ ހަވާލާދީ ރިޕޯޓުގައި ބުނީ އެ ހާދިސާ ހިނގިއިރު، އެ ދެ މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.
ޔުމްނު ވައްޓާލީ ކަމަށް ނުވަތަ ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށާއި ބެލެވެނީ ފެންޓެނޯއީ 9 ވަނަ ފަންގިފިލާގެ ކުޑަދޮރުން އޭނާ ވެއްޓުނީ ކަމަށް ރިޕޯޓުގައިވެ އެވެ.
އެ މައްސަލައިގައި ޔުމްނުގެ ބަޔާން މިހާތަނަށް ވެސް ނުނެގި އޮތުމާ އަދި އެ ރޭ ހިނގައިދިޔަ ކަންކަމުގެ ހަނދާނެއް ނެތް ކަމަށް ރައުދު ބުނި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮމިޝަނުން ބުނީ ރައުދު އާއި ޔުމްނު މަސްތުގެ ހާލަތަށް އައީ އެ ދެ މީހުންގެ އަމިއްލަ އިހުތިޔާރުގައި ކަމަށް ވާތީ، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެ މީހުން އުފުލަން ޖެހޭނެ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގުކޮށް، ރައުދުގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.
އެ މައްސަލަ އާ ގުޅިގެން ރައުދުއަށް ދައުވާ ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.