ސާވިސް ޗާޖު ރުފިޔާއިން ދޭން ގާސިމް ދެކޮޅު، ވިދާޅުވީ އެއީ ގާނޫނީ ކުށެއް ކަމަށް

ރިސޯޓު މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދޭ ފައިސާ ޑޮލަރުން ދިނުމުގެ ބަދަލުގައި ރުފިޔާއިން ދިނުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ އެ މުވައްޒަފުންނަށް ދެވޭ ބޮޑު ގެއްލުމެއް ކަަމަށް ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ ތާށިކަމާ ހުރެ ހިންގަން ދަތި ކަމަށް ބުނެ އަންނަ މަހުން ފެށިގެން ބޮޑެތި ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމާފައިވާކަން ހާމަކޮށްފައިވަނިކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ހައްގު ނިންމުމެއް ނޫން ކަމަށެވެ.
"ފަތުރުވެރީން އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެންކަމުގައިވާ ނަމަ އެ ހައްގު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބި ދޭން ޖެހޭނީ ޑޮލަރުންނެވެ." ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ގާސިމް ވިދާޅުވީ ޑޮލަރުން ނޫން ގޮތަށް މުވައްޒަފު މީހާ ސާވިސް ޗާޖު ލިބުގަތުމަށް އިންކާރުކުރާ ނަމަ، އެކަމަކީ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެ މީހާއަށް ރައްދުކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ އަދި ގާނޫނީ ވާޖިބެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެންކަމުން ޑޮލަރުން ލިބޭ ސާވިސް ޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅު ހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެމެވެ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާއަކީ ވެސް އެތައް ހާސް މުވައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް މި ދަތި އެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައި ވެފައި، ގާނޫނުން ވެސް އެ ލުއި ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާއިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާ ކަމަށް ބުނެ ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާކޮށްލީ އެވެ." ގާސިމް ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވީ ބައެއް އެހެން ކުންފުނިތަކުން ވެސް މުސާރަ ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކަމަށެވެ.
"މުއައްޒަފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުންނެވެ. ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާއަކުން ދެވޭނީ އެ މުއައްޒަފު މީހާ އެކަމަށް އިއްތިރާޟް އެއް ނެތް ކަމުގައިވާ ނަމަ އެވެ." ގާސިމް ވިދާޅުވި އެވެ.
މި އަަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ވަނީ މަޖުބޫރުކޮށްފަ އެވެ.
އެގޮތުން "ކެޓަގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ.
"ކެޓަގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ޑޮލަރުން މާރުކުރަން ޖެހޭނެ އެވެ.
