ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އިންޓަޕޯލްއާ ހިއްސާކުރަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިންމައި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ދަފްތަރު އާންމުކޮށް އެ ދަފްތަރު އިންޓަޕޯލްއާ ހިއްސާކުރަން ފަށައިފި އެވެ.

Ads by STELCO

ހޯމް މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ޝާއިއުކުރި ލިއުމެއްގައި ބުނީ އެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން "ގްރީން ނޯޓިސް" ނެރެފައިވާ ކަމަށެވެ.

އެގޮތުން، މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، 18 ބިދޭސީން ކަމަށް މިނިސްޓްރީން ބުންޏެވެ.

އިންޓަރޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން، ހާއްސަކޮށް އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.

"ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ކުށްކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމުކަމަށް ވާއިރު، މި މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ހިއްސާކުރުމުން އެފަދަ މީހުންގެ ހަރަކާތްތައް އެހެން ގައުމުތަކުންވެސް ބަލައި، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން މިފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެގައުމުތަކަށް ލިބެއެވެ." މިނިސްޓްރީން ބުންޏެވެ.

Ads by Allied Insurance