ޚަބަރު ރައްޔިތުންގެ މަޖިލިސް

މިނިމަމް ވޭޖް ރިވިއު ޑިސެމްބަރަށް ނިމޭނެ، ލަސްވަނީ ކުރީ ސަރުކާރުން ރިޕޯޓު ނަހަދާ އޮތުމުން: ހައިދަރު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ހައިދަރު މަޖިލިހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ / ފޮޓޯ:މަޖިލިސް

މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަކޮށް ދޭން ޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ލަސްވަނީ މިދިޔަ ސަރުކާރުން ކަމާ ގުޅޭ ރިޕޯޓު އެކުލަވާލާފައި ނުވާތީ ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތްކޮށް ނިންމާލެވޭނެ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވަޒީފާ އާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ކޮންމެ ދެ އަހަރަކުން ރިވިއު ކުރަން ޖެހެ އެވެ. އެހެންނަމަވެސް މިނިމަމް ވޭޖް ތައާރަފުކުރި ފަހުން މިހާތަނަށް ރިވިއުކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށް ވަނީ ސުވާލު ކޮށްފަ އެވެ. ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ސުވާލު ކުރެއްވީ 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިނިމަމް ވޭޖް ރިވިއުނުކޮށް ލަސްވާ ސަބަބާ އަދި ރިވިއުކޮށް މިނިމަމް ވޭޖް ބޮޑު ކުރެވޭނެ އިރަކާ ގުޅޭގޮތުންނެވެ.

ސުވާލުގެ ޖަވާބުގައި ހައިދަރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ކަމަށާއި 2023 ވަނަ އަހަރުގެ ޑިސެމްބަރު އަށަކަށް އެ މުއްދަތު ހަމަވާ ކަމަށެވެ. މިދިޔަ ސަރުކާރުން ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އެކަމަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އަލުން ހަމަޖައްސަން ޖެހުމަކީ ރިވިއުކުރުން ލަސްވި އެއް ސަބަބު ކަމުގައި ފާހަގަކުރެއްވި އެވެ.

"މިދިޔަ ސަރުކާރުން މިނިމަމް ވޭޖުގެ ރިވިއުގެ މަސައްކަތް ނުކޮށްވާތީ މި މިނިސްޓްރީ އާ މެންޑޭޓް ހަވާލުވި ހިސާބުން މި މިނިސްޓްރީން މި މަސައްކަތް ކުރުމަށް ޓަކައި މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައި 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު ގާއިމުކުރެވުނު،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނާ (އައިއެލްއޯ) އާ ގުޅިގެން ކަމުގަ އެވެ. އެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އައިއެލްއޯ ވަނީ ހުށަހަޅާފައި ކަމުގަ އެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެ ފަރާތުން ބަލާނީ "ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް" ކަމުގަ އެވެ.

އެ މަސައްކަތް ކުރުމަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމުގައި ހައިދަރު ވިދާޅުވި އެވެ. އެ އާއެކު ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަަގަކުރެއްވި އެވެ.

"ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަން ޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ. އަޅުގަނޑުމެންގެ މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަަލަށް ނިންމާލެވޭތޯ މި ބަލަނީ،" ހައިދަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ދިނުމަށް ކުރީ ސަރުކާރުން ކަނޑައަޅާފައި ވަނީ މަހަކު 4،500 ރުފިޔާ އާއި 8،000 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. އެއީ ކުދި ފަންތީގެ ވިޔަފާރިތަކަށް މަހަކު 4،500 ރުފިޔާ، ސިވިލް ސާވިސް މުވައްޒަފުންނާއި މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7،000 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަަކަށް މަހަކު 8،000 ރުފިޔާ އެވެ.