ޚަބަރު

ދިވެހީންނަށް ސަލާމަތް އޮތީ އިސްލާމް ދީނުގެ ވާފަށުގައި ހިފަހައްޓައިގެން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު--

ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މާދަމާ ފެށޭ ހިޖުރީ އާ އަހަރާ ގުޅިގެން ރައީސް މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތް މައްކާ ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް އިބްރަތެއް ލިބިދޭ ތާރީހީ ހާދިސާއެއް ކަމަށެެވެ.

އަދި ރަސޫލާ ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެށްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ގައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ހިކިމަތްތެރި ހަމަތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކީރިތި ރަސޫލާގެ ސުންނަތުން ފެންނާން ހުރި އެފަދަ ކޮންމެ ކަމަކީވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށެވެ.

"މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމެވެ. ދިވެހި މުޖްތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމެވެ." ރައީސް ވިދާޅުވި އެވެ.

ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ހިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަސްރާއި ނަސީބު މާތްﷲގެ ހަޒްރަތުން ދެއްްވުމަށް ވެސް ރައީސް ދުއާ ދެންނެވި އެވެ.

Ads by HDC