ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ރިޒްނާ އައްޔަން ކުރައްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑިޝަރީ އެޑްމިނިސްޓަރޭޓަރގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއެކު ކުރިން އެ މަގާމުގައި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑރ. އަބްދުﷲ ނަޒީރަށް ވަނީ މަގާމު ގެއްލިފައެވެ.
ޗީފް ޖުޑިޝަރީ އެޑްމިނިސްޓަރޭޓަރގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މ. ބަނަފްސާވިލާ، އާއިޝަތު ރިޒުނާ އެވެ.
ރައްޔިތުންގެ މަޖިލީހުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުންދިޔަ، ޑީޖޭއޭ ވަނީ ޖޭއެސްސީގެ ދަށަށް ބަދަލު ކޮށްފައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަން ކުރެވޭ މަގާމެކެވެ. މުސާރައަކީ، 47،500 ރުފިޔާއެވެ. ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެއެވެ.