ރައީސް މުއިއްޒު ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯރެންސް ވޮންގްއާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިއަށް ދިޔައީ ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ވަކިން ހާއްސަކޮށް މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރުތައް ހޯދައި، އިގުތިސާދު ސިންދަފާތުކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އަދި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެ، އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުނަކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ދެބޭފުޅުންގެ މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.
އޭގެ އިތުރުން، ތަައުލީމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމާއި، އާބަން ޕްލޭނިންގްގެ ދާއިރާއިން ފަންނީ އިލްމު ހިއްސާކުރުން ހިމެނޭހެން ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
އަދި ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ރާއްޖެއާއި ސިންގަޕޫރުން އެކިއެކި މަންސަތަކުގައި އިތުރަށް ގުޅުން ބަދަހިކޮށް، ވަކީން ހާއްސަކޮށް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބިންތިރި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރުތަކުގައި، ދެ ގައުމަށް އޮތް ގޮންޖެހުންތަކާއި މެދު ހަރުދަނާ ގޮތެއްގައި އަޑުއުފުލުމާމެދު، މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވެސް ދެއްވަމުންނެވެ.
