ރައީސް މުއިއްޒު, ސިންގަޕޫރުގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިއަށް ދިޔައީ ރައީސް މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ބައްދަލުކުރެއްވުމުގައި ރަައީސް މުއިއްޒު ވަނީ، ސިންގަޕޫރުން، އަދި ވަކިން ހާއްސަކޮށް ރައީސް ޝަންމުގަރަނަމްގެ ފަރާތްޕުޅުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުމުގެ މައްޗަށް ނަޒަރު ހިންގަވައި، ދެ ގައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމް ފާޅުކުރައްވާފަ އެވެ.
އޭގެ އިތުރުން، ރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގާތް ގުޅުން ފާހަގަކުރައްވައި، ތަމްރީނާއި ތައުލީމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަދި އުމްރާނީ ތަރައްގީ ފަދަ ދާއިރާތަކުން ދެ ގައުމަށް ފައިދާހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިގުތިސާދު، ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.