ޚަބަރު

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމާ ބެހޭ ބަޔާން ޑިލީޓްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގުޅީފަޅު ބިން ހިއްކުން - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމުގައި ފުށުއެރުންތަކެއް ހުރުމުން އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލަ އޮފީހާ މަޝްވަރާކުރާނެކަމަށް ބުނެ ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާން ޑިލީޓްކޮށްފި އެވެ.

Ads by STELCO

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާގުޅިގެން، ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުކޮށް ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު އޮތީ އަލުން ގުރުއަތު ނަގައި އަލުން ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކަންކަން މިހާރު ދަނީ ކުރަމުން ނެވެ.

ނަމަވެސް މިރޭ ހައުސިން މިނިސްޓްރީން ނެެރުނު ބަޔާނުގައި ބުނީ ގުޅީ ފަޅުން ގޯތި ދޫކުރުމުގެ އުސޫލާ ބިމަ ބެހޭ ގާނޫނާ ފުށޫ އެރުން ހުރުމުން އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހާ މަޝްވަރާކުރާނެ ކަމަށެވެ.

ނަމަވެސް އެކްސްގައި އެ ބަޔާން އާންމުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ބަޔާން މިނިސްޓްރީން ވަނީ ނަގައިފަ އެވެ.

އެ ބަޔާން ނެގީ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ބަންޑާރަ ގޯތި ދެވޭނީ އެ މީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް  ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ނުވަތަ ލިބިފައިނުވާ ނުވަތަ ލިބިފައިވާނަމަ އެ ތަންތަން ދޫކޮށްލުމަށް ކަމަށް އެ ގާނޫނުގައި ޝަރުތުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލާއި އެ އުސޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލޭ ސަރަހައްދުން ލިބިފައިވާ 600 އަކަ ފޫޓަށްވުރެ ކުޑަ ގޯތި އެކަނިކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

"ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލުކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ނުދެކެމެވެ" ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެެވެ.

އެހެންވެ ގޯތި ލިބުނު ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމާއި ރާއްޖޭގެ ބިމާ ބެހޭ ގާނޫނާ ފުށޫ އަރާ ކަންކަން ހައްލުކުރުމަށްޓަކައި އެކަމަށް ހައްލެއް ހޯދަން އެޓާނީ ޖެނެރަލް(އޭޖީ) އޮފީހާ މަޝްވަރާކުރަމުންދާކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

Ads by Allied Insurance