ޚަބަރު

ބޮންޑެޑް ވެއާހައުސްގެ ފި ބޮޑުކުރުމަކީ އާންމު މުދަލުގެ އަގުބޮޑުވާން ޖެހޭ ސަބަބެއް ނޫން: އެމްޕީއެލް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި މުހައްމަދު ރިޝްވާން / ފޮޓޯ:ސަން

ހުޅުމާލޭގަައި ހުންނަ ބޮންޑެޑް ވެއާހައުސްގެ ފީ ބޮޑުކުރުމަކީ އާންމު މުދަލުގެ އަގުބޮޑުވާން ޖެހޭ ސަބަބެއް ނޫންކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

Ads by MPL

އެމްޕީއެލްއިން މި މަހުގެ ހަތްވަނަ ދުވަހު ރިވައިސްކުރި ފީތަކުން ދައްކާގޮތުން އަންނަ މަހުގެ 15އިން ފެށިގެން ހުޅުމާލޭގައި ހުންނަ ބޮންޑެޑް ވެއާ ހައުސްއިން 20 ފޫޓުގެ ކޮންޓެއިނަރަކުން 1134 ޑޮލަރު އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން 2268 ޑޮލަރު ނަގާނެ އެވެ.

އެ ނިންމުމާ ގުޅިގެން އެމްޕީއެލްއިން ބުނީ ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން، އާންމު މުދަލުގެ އަގުތަކަށް ބާޒާރުގައި އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތްކަން ކަމަށެވެ.

އެއީ ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިޔާ 1، 2 އަދި 3ގައި ބޮންޑް ކުރަނީ ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތަކަށް ކަމަށްވާތީކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ފޯރުކޮށްދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާއެކު ކަމަށެވެ. އަދި އެ ސަރަހައްދުގައި ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއްވެސް ގާއިމުކޮށްފައިވާކަން އެމްޕީއެލްއިން ފާހަގަކުރި އެވެ.

އަދި އޭގެ އިތުރުން، ބޮންޑެޑް ވެއަރހައުސް ސަރަހައްދުން މުދާ ލޯޑު ކުރުމާއި އަންލޯޑް ކުރުމަށް، ވަކި ކީ ވޯލެއް ވެސް ކަނޑައަޅާފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

"އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތްވެސް މި ކުންފުނިން ގަވައިދުން ކުރަމުންދާއިރު، ދެެމެހެއްޓެނިވި ގޮތެއްގައި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ކުރުމަށް މި ކުންފުނިން ބޮޑު ހޭދައެއް ކުރަންޖެހެއެވެ." އެމްޕީއެލްއިން ނެރުނު ބަޔާނުގައި ބުންޏެވެ.

 

 

Ads by Allied Insurance