މާލޭގެ ހުސްބިމެއްގައި ކާނިވާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭގެ ހުސްބިމެއްގައި ކާނިވާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލްއިން މިއަދު އިއުލާނުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކާނިވާ ތަރައްގީކުރަން ބޭނުންވަނީ މާލޭގައި ހުންނަ ބީޗް ވޮލީ ކުޅޭ ސަރަހައްދުގެ ފަހަތުގައިވާ ހުސް ބިމުގައި ކަަމަށެެވެ.
އެހެންވެ ސެލްފް ފައިނޭންސް އުސޫލުން ކާނިވާ ތަރައްގީކޮށް ދިގުމުއްދަތަކަށް ބަލަހައްޓައިދޭން ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތްވަނަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައިން މައުލޫމާތު ސާފުކުރުމަށް ފަހު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް އައިސް އަގު ހުށަހެޅުމަށް އިއުލާނުގައި އެދިފައި ވެއެވެ.