ޚަބަރު

ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ބީއެމްއެލް / ފޮޓޯ: ދެން އިމޭޖްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި އެވެ.

Ads by STELCO

ބީއެމްއެލުން ބުނި ގޮތުގައި އެ ހިދުމަތް ލިބޭނީ އަންނަ މަހުން ފެށިގެނެވެ. މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ އެވެ.

ދިވެހިންނާއި ބިދޭސީން އަދި ވިޔަފާރިތައް ހިމެނޭ ގޮތަށް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ. މިގޮތުން އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެ އެވެ.

އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ އެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައި ވެސް މި އެކައުންޓް ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ ފަޚުރެއް ކަމަށެވެ.

މީގެ ސަބަބުން ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އާ ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިންގ ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން," ޝަރީފް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފަ އެވެ.

އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އުފާވެރި ޚަބަރު ސީއީއޯ ޝަރީފް ދެއްވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިޔުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑީވްސް އަކީ ރާއްޖޭގެ އެންމެ އިސް އިސް މާލީ އިދާރާއެވެ.ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 188 އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދެ އެވެ. އަދި ފުޅާ ދާއިރާއެއްގައި އެޖެންޓް ބޭންކިން ހިދުމަތް ވެސް ފޯރުކޮށްދެ އެވެ.

ބޭންކުގެ ޚިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަރޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން ނުހަނު ބޮޑު އިސްކަމެއްދެއެވެ.

Ads by Allied Insurance