ޚަބަރު

4000 ފްލެޓު ލިބޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލައިފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެފްޑީސީ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކުން 4000 ފްލެޓު ވަނީ ތަރައްގީ ކޮށްފައި

ނިމިގެން ދިޔަ ސަރުކާރުގައި ފެށި 4000 ފްލެޓުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންނާއެކު ހަދަން ޖެހޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލައިފައިވާ ކަމަށް ބުނާ ވާހަކަ ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އިން ދޮގުކޮށްފި އެވެ.

Ads by STELCO

އަންނަ ސެޕްޓެމްބަރު މަހަށް ހުރިހާ ފްލެޓެއް ނިންމުމަށް މަސައްކަތް ކުރަމުންދާ އިރު 1000 އަށް ވުރެ ގިނަ ފްލެޓް ވަނީ ނިމިފަ އެވެ. އަދި ފްލެޓްތައް ނިމޭވަރަކުން އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ އިރު ސޮއިކުރުން ހުއްޓާލައިފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ނަމަވެސް އެކަން ދޮގުކޮށް އެފްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދު ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާ ލާފައިވާއިރު އެ އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އެފްޑީސީން އަންގަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަންއިން ބުންޏެވެ.

"ނިމިދިޔަ ހަފްތާގެ ނިޔަލަށް މިކޯޕަރޭޝަނުން ޖުމްލަ 232 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ" އެފްޑީސީން އިތުރަށް ބުންޏެވެ.

Ads by Allied Insurance