ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން 7 ކުއްޖަކު ބޭރަށް ފޮނުވަނީ

ސަރުކާރުގެ ހަރަދުގައި މި މަހު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް 7 ކުއްޖަކު ފޮނުވާ ގޮޮތަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
ތެލަސީމިއާގެ ފަރުވާހޯދާ ފަރާތްތަކަށް ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ "ހަފުތާ 14"ގައި ހިމެނޭ ވައުދެކެވެ.
އެ ވައުދުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން 10 ކުއްޖަކު ކޮންމެ އަހަރަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ މިނިސްޓްރީއާ ހެލްތު މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ނިންމާފައިވާ 10 ކުދިންގެ ތެރެއިން 03 ކުއްޖަކު އޭޕްރީލް މަސްތެރޭގައި ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. އަދި ބަކީ ތިބި 7 ކުދިން މި މަސްތެރޭގައި ފޮނުވުމަން ވަނީ ނިންމާފަ އެވެ.
އެގޮތުން މިއަދު 3 ކުދިން، 05 އޮގަސްޓްގައި 01 ކުއްޖަކު، 08 އޮގަސްޓްގައި 01 ކުއްޖަކު، 09 އޮގަސްޓް ގައި 01 ކުއްޖަކު އަދި 12 އޮގަސްޓްގައި 01 ކުއްޖަކު ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިމަހު ފުރުމަށް ހަމަޖެހިފައިވާ ކުދިންނާއި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވަނީ މިއަދު ބައްދަލުކޮށްފަ އެވެ.
