ޚަބަރު

ވައިބާ އެކައުންޓްތައް ކޮމްޕްރޮމައިޒްވާތި ސަމާލުވުމަށް ފުލުހުން އެދިއްޖެ

. ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ވައިބާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެ އެވެ.

ވައިބާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ވައިބަރގެ ވެރިފިކޭޝަން ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި ވައިބާ ސެޓިންގްސްއިން "ޓޫ-ސްޓެޕް ވެރިފިކޭޝަން" އެކްޓިވޭޓްކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

އަދި ވައިބާއިން ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީންކުރުމުގެ އިތުރުން އެކައުންޓްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

އޮންލައިން މުއާމަލާތްތަކުގައި ރަސްމީ އަދި ގާނޫނީ ގޮތުން ގަބޫލުކުރެވޭ ޕޭމަންޓް ގޭޓްވޭތައް އެކަނި ބޭނުންކުރުމަށާއި އަންޑެންޓިފައިޑް ފޮރިން ނަންބަރުތަކުން އަންނަ މެސެޖުތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތަކަށް ގުޅާފައި އަންނަ ކޯލްތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތައް ބްލޮކް ކުރުން ހިމެނެ އެވެ.

އަދި ބޭރު ފައިސާ މާރުކުރުމުގައި ހަމައެކަނި ލައިސަންސް ލިބިފައިވާ މަނީ އެކްސްޗޭންޖް ތަންތަނާއި ބޭންކުތައް މެދުވެރިކޮށް މުއާމަލާތް ކުރުމާއި އޮންލައިން ޕްލެޓްފޯމްތަކުގައި ދެވޭ އަގުތަކާއި ޑިސްކައުންޓްތައް މާކެޓް ރޭޓާ އަޅާކިޔުމުގެ އިތުރުން އާދަޔާ ހިލާފަށް ކުޑަ އަގެއްގައި ތަކެތި ވިއްކާނަމަ އިތުރަށް ބެލުންވެސް ހިމެނެ އެވެ.

މީގެ އިތުރުން އޮންލައިން ޑޭޓިން ޕްރޮފައިލްތަކުގައި ފެންނަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މިގޮތުން ފޮޓޯތައް ރިވާސް އިމެޖް ސާޗް ކޮށްގެން ޗެކްކުރުން އަދި ސޯޝަލް މީޑިއާ ޕްރޮފައިލްތައް ބަލާ ޗެކްކުރުން، އެއްވެސް ފަރާތަކުން އަމިއްލަ ބޭންކް އެކައުންޓް މައުލޫމާތު، ޕާސްވޯޑް، ޕިން ނަންބަރު ފަދަ މައުލޫމާތަށް އެދިއްޖެނަމަ ނުދިނުމާއި އޮންލައިން ޝޮޕިން ވެބްސައިޓްތަކުގެ ރިވިއުތައް ބެލުމާއި، އެ ވެބްސައިޓްތަކުގެ އެޑްރެސް ރަނގަޅުތޯ ބެލުން އަދި ވެބްސައިޓްގެ ސެކިއުރިޓީ ސެޓްފިކެޓް ޗެކްކުރުމަކީ އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.

2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.

3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.

4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.

5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

އޮންލައިން ޝޮޕިން ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިން އަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯ ނުވަތަ އެޕަލް އެޕް ސްޓޯ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއަ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.