ޚަބަރު

ދެ ރަށަކަށް މަސްތުވާތަކެތި ގެންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދެ ރަށަކަށް މަސްތުވާތަކެތި ގެންގޮސްގެން ހައްޔަރުކުރި ދެ މީހުން--

މ. ކޮޅުފުއްޓާއި ފ. ބިލެތްދޫއަށް މަސްތުވާތަކެތި ގެންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

އެ ދެ މީހުންވެސް ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ދެ ރަށުގައި ހިންގި އޮޕަރޭޝަނަކުން ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ކޮޅުފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި / އުނިމާގެ، އަހުމަދު ހުމައިދު (30އ) އެވެ. އޭނާ ކޮޅުފުށީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް  ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ބިލެތްދޫއިން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ގުލޭނޫރަންމާގެ، ދާއޫދު އަބްދުއް ސައްތާރު (43އ) އެވެ. އޭނާ ބިލެތްދޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މައްސަލައިގައި ހުމައިދު 30 ދުވަހަށް އަދި ދާއޫދު އަބްދުއް ސައްތާރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by HDC