ޚަބަރު

ދިވެހި ބޭސް ހަދަން ބޭނުންކުރާ ގަސްތައް މާލެގެ ޕާކުތަކާއި، ސަހަރާތަކަކުގައި ހައްދަން ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން--

ދިވެހި ބޭސް ހަދަން ބޭނުންކުރާ ގަސްތައް މާލެގެ ޕާކުތަކާއި، ސަހަރާ ފަދަ ތަންތަނުގައި ހައްދަން ފަށަން މާލޭ ސިޓީ ކައުންސިލްއިން ނިންމައިފި އެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލްއިން ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ނުލިބޭ ކަމަށެވެ. މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އަހުމަދު ފާހަގަކުރެއްވި އެވެ.

އެހެންވެ އެ މައްސަލައަށް ހައްލު ހޯދަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެ ފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި، އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެތެރޭގައި ވެސް، ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ސިއްހީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައިސްފައިވާ، އަދި ދިވެހިންނަށް ވަރަށް މުހިންމު ތަރިކައެއް ކަމަށެވެ.

ނަމަވެސް، މިހާރު އެ ތަރިކަ އުވިގެން ނެތިގެންދާކަމުގެ އިހުސާސް ކުރެވޭ ކަމަށާއި، އެހެންކަމުން މި ދާއިރާ ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭގެ ބޭނުމަކީ، ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

Ads by Allied Insurance