އިންޑިއާގައި އުފައްދާ ސެމިކޮންޑަކްޓަރ ޗިޕްސް މިއަހަރުގެ ނިޔަލަށް މާކެޓަށް ނެރެވޭނެކަމަށް މޯދީ ވިދާޅުވެއްޖެ
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރެޑް ފޯޓުން ދެއްކެވި ވާހަކަފުޅުގައި، ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ މިއަހަރުގެ ނިޔަލަށް އިންޑިއާގައި އުފައްދާ ސެމިކޮންޑަކްޓަރ ޗިޕްސް މާކެޓަށް ނެރެވޭނެ ކަމަށެވެ. މިއީ އިންޑިއާގެ ޓެކްނޮލޮޖީގެ ދަތުރުގައި ވަރަށް މުހިންމު މަރުހަލާއެއް ކަމުގައި ފާހަގަކުރެވެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، "ޤައުމުގެ ޒުވާނުންނަށާއި، އިންޑިއާގެ ޓެކްނޮލޮޖީގެ ބާރު ދެނެގަންނަ ދުނިޔޭގެ އެންމެންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން: މިއަހަރުގެ ނިޔަލަށް އިންޑިއާގައި އުފައްދާ ޗިޕްސް މާކެޓަށް ނެރެވޭނެ" ކަމަށެވެ.
މިހާރު ޤައުމުގައި 6 ތަފާތު ސެމިކޮންޑަކްޓަރ ޔުނިޓް ޤާއިމްކުރެވެމުންދާ ކަމަށާއި، މީގެ ތެރެއިން 4 ޔުނިޓަށް ވަނީ ހުއްދަ ދެވިފައިކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ އޮޑިޝާ، އާންދްރަ ޕްރަދޭޝް އަދި ޕަންޖާބްގައެވެ. މި މަޝްރޫޢުތަކަށް ޖުމްލަ 4,600 ކްރޯރު ރުޕީސްގެ އިންވެސްޓްމަންޓް ކުރެވޭނެއެވެ.
އިންޑިއާގައި ސެމިކޮންޑަކްޓަރ ތަރައްޤީކުރުމުގެ ޚިޔާލު އުފެދުނީ 50-60 އަހަރު ކުރިން ކަމަށާއި، ނަމަވެސް އެކި ލަސްވުންތަކާ ހުރެ މިކަން ކުރިއަށް ނުގެންދެވުނު ކަމަށް މޯދީ ފާހަގަކުރެއްވިއެވެ. "ސެމިކޮންޑަކްޓަރާ ގުޅޭ ފައިލްތައް 50-60 އަހަރު ކުރިން ފެށުނު. ފެކްޓަރީއެއް ޤާއިމްކުރުމުގެ ޚިޔާލުވެސް އޭރު އުފެދުނު. އެހެންނަމަވެސް އަޅުގަނޑުމެންނަށް 50-60 އަހަރުގެ މުހިންމު ވަގުތު ގެއްލިގެން ދިޔަ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކްރިޓިކަލް މިނެރަލްސްގެ މުހިންމުކަން ފާހަގަކުރައްވަމުން، މިދާއިރާގައި އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މޯދީ ވިދާޅުވިއެވެ. މިހާރު މުޅި ދުނިޔެވެސް ކްރިޓިކަލް މިނެރަލްސްގެ ސްޓްރެޓެޖިކް މުހިންމުކަން ވަރަށް ރަނގަޅަށް ދެނެގަންނަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
