މި އުޅެނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދަން: ސޯލީހް

މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަނެއް ހެދުން ހިމޭނޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން އެ އުޅެނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދަން ކަމަށް ކުރީގެ ރައީސް އިބްރާހީމް ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިއުން އިއްވައި، އިބްތިދާއީ ބަހުސްގެ ބައެއް ކުރިއަށް ގެންގޮސްފައިވާ އެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އިބްރާހީމެވެ. ހަންނާން ކުރިން ވެސް މިފަދަ ބިލެއް ހުށަހަޅުއްވައި ފަހުން އަނބުރާ ގެންދެވި އެވެ.
މި ބިލުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ޕީއެންސީއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހް އެކްސްގައި ވިދާޅުވީ އެ ބިލަކީ ހަގީގަތުގައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދަން ވެގެން ކުރާ ކަމެއް ކަމަށެވެ. އަދި އެ ބިލު އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ސޯލިހު ގޮވާލެއްވި އެވެ.
"މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް. ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަން،" ސޯލިހް ވިދާޅުވި އެވެ.
ބިލުގައި ވަނީ ކީކޭ؟
އެ ބިލުގައި ބުނެފައި ވަނީ މިއީ ނޫސްވެރިިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި ބްރޯޑްކާސްޓިންވެސް ހިމެނޭގޮތަށް މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށްޓަކައި ހުށަހެޅި ބިލެއް ކަމަށެވެ.
ބިލުގައި ބުނެފައިވާ ގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.
އެ ކޮމިޝަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ދޮގު ހަބަރުތައް ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުމަށް ކަމާ ބެހޭ ފަރާތްތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުން ހިމެނެ އެވެ.
އަދި ދޮގު ހަބަރު ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފައްދާ ގައުމުގެ އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަން ފާހަގަކުރެވިއްޖެނަމަ އެ މީހަކު ނުވަތަ ބަޔަކާ މެދު ފިޔަވަޅު އަޅަން އެ ކޮމިޝަނުން ކަމާ ބެހޭ ފަރާތްތަކަށް އަންގަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރު މެމްބަރު ތިބޭނެ ކަމަށް ބިލުގައި ބުނެފައި އެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ބިލު ގާނޫނަކަށް ވުމުން ރާއްޖޭގައި އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަންވާނީ ކޮމިޝަންގައި ރަޖިސްޓްރީކޮށްގެން ނެވެ. އަދި ރަޖިސްޓްރީނުކޮށް މަޖައްލާއެއް އަދި ނޫހެއް ވެސް ދެން ނުހިންގޭނެ އެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ބިލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އަދި ބިލު އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި މަޖިލީހަށް މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ކަމަށެވެ.
އެމްއެމްސީން ބުނީ ބިލު އެކުލަވާލާފައިވަނީ ނޫސްވެރިންގެ ހައްގު ނިގުޅައިގަންނަ ގޮތަށް ކަމަށާއި، މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައިވާ އިބާރާތްތަކަކީ ސާފު އިބރާތްތަކަކަށް ނުވާތީ އެ އިބާރާތްތައް ބޭނުންގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭ ގޮތަށް ކަމަށެވެ.
އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް އެ މީޑިއާއެއް ހުއްޓާލުމުގެ ބާރު އުފައްދާ ކޮމިޝަނުން ލިބޭ ކަމަށެވެ.
އެމްއެމްސީން ބުނީ ގާނުނުއަސާސީއާ ހިލާފަށް އޮތް ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި، ބިލާއި ގުޅޭ ގޮތުުން ކަންކަން ދިރާސާކުރަމުންދާ ކަމަށެވެ.
