ޚަބަރު

ހަންކެޑެ މަޝްރޫއު ހުއްޓާލީ ސަރުކާރުގެ ނާގާބިލުކަމުން: ފައްޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީ ސަރުކާރުން ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސް ހުއްޓާލީ މި ސަރުކާރުގެ ނާގާބިލު ކަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Ads by MPL

ހަންކެޑެ އަކީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ 2023 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރު ހަންކެޑެ މަޝްރޫއު ފެށުމުގެ މަރުހަލާގައި އޮތީ އެންމެ ފަހު ލޯން އެގްރީމަންޓުގައި ސޮއިކުރުން ކަމަށާއި މި މަޝްރޫއު ހުއްޓާލަންޖެހުނީ މި ސަރުކާރުގެ ނާގާބިލްކަމާއި ރަނގަޅު ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ކަމަށެވެ. މި މަޝްރޫއު ހުއްޓާލަން ޖެހުމަކީ އައްޑޫ އާއި ދެކުނުގެ އެންމެންގެ އުންމީދުތައް ފުނޑުފުނޑުވެގެންދިޔަ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ސަރުކާރުން ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ބޭނުން ނަމަ ރަނގަޅަށް ކުރިއަރާފައިވާ މަޝްރޫއެއް ނިންމާ ނުލައި، އައްޑޫގައި އެކަން ކުރެވޭނެ އެހެން ތަންތަން ވެސް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި މި މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމުން ބޮޑު ބަދަލެއް ދޭން ޖެހުމުގެ އިތުރަށް، މިއީ އިގުތިސޯދީީ މިނިވަންކަން ހާސިލުކުރަން އައްޑޫން ކުރަމުންދާ މަސައްކަތަށް ގެއްލިގެން ދިޔަ އަގުހުރި ވަގުތުތަކެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ހަލާލް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނިންމިއިރު، ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިސަރުކާރުން ވަނީ އޭޕްރީލް 16، 2024 ގައި އަޅާފަ އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.

އެ ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.

Ads by Allied Insurance