ކުމުންދޫގެ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ހދ. ކުމުންދޫގެ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ކުމުންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގެ ތަރައްގީއަށްޓަކައި ކުރައްވަންހުރި ކަންކަމުގެ ތެރޭގައި، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލައަކީ ބަނދަރުގެ މައްސަލަ ކަމަށެވެ. އަދި ކުމުންދޫގެ ބަނދަރު މިހާރު އޮތްތަނުގެ ސަބަބުން ދިމާވަމުންދާ މައްސަލަ ހައްލުނުކުރެވޭކަން މިހާރު ޔަގީންކަމަށާއި އަދި އެކަމަށް ދާއިމީ ހައްލެއްގެނައުމަކީ އެ މަނިކުފާނުގެ ޒިންމާއެއްކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ކުމުންދޫގެ ރައްޔިތުން ބޭނުންވާ ސަރަހައްދަށް ބަނދަރު ބަދަލުކޮށް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތްފަށައި، ބަނދަރު ނިންމަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭ ސަރަހައްދެއް ހެދިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ މަޝްރޫޢާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެކަމުގެ އަމަލީ މަސައްކަތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ހޯލުގެ މަސައްކަތާއި އެކު ސްކޫލަށް ބޭނުންވާ އެހެނިހެން ޖާގައާއި ވަސީލަތްތައް އިތުރުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، މިހާރު ހަދަމުންދާ ފުޓްބޯޅަ ދަނޑު އެންމެ ފުރިހަމަގޮތުގައި ފުރިހަމަކޮށްދީ، ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އިތުރުން ހޭންޑް ބޯލް ކޯޓަކާއި ވޮލީ ކޯޓެއްވެސް އެ ރަށުގައި އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.





ކޮމެންޓް